ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއިން ބާރުވެރިކުރުވައި ވަޒީފާގެ މައިދާނަށް ނެރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ސެއިލްސް ޕްރޮޖެކްޓް ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ "އޯޕަން ޑޭ" މިއަދު ނިންމާލައިފިއެވެ.

ވިލާ ކޮލެޖުގެ އެހީތެރިކަމާއެކު އެ ކޮލެޖުގެ ހޯލުގައި މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަލަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު މުހިންމު ހަރަކާތެކެވެ.

ދާހިލީ ސަލާމަތާއި މަސަކަތްތެރި ކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެޕްރެންޓިސްޝިޕް އަދި ކެރިއަރ ކުރިއެރުވުމަށް ޒުވާނުންނަށް ހުރި ފުރުސަތްތައް ބަޔާންކޮށްދީ އެ ފުރުސަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މި އޯޕަން ޑޭގެ ތެރެއިން ވަޒީފާގެ 27 ފުރުސަތަކާއި 13 އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް 58 ފަރާތަކުން ރަޖިސްޓަރީކުރިއިރު، ހުޅުވާލެވުނު 27 ވަޒީފާއަށް ވަގުތުން އިންޓަވިއު ކުރުމާއި ސީވީ ސްކްރީން ކުރުމުގެ ފުރުސަތް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެއިތުރުން ސެންޓާރާގެ ރެކްރޫޓްމަންޓް ޓީމާއި އެޗް.އާރު މަންދޫބުންނާ ބައްދަލުކޮށް ދާއިރާއާ ގުޅޭ މުހިންމު މަޢުލޫމާތް ސާފުކުރުމުގެ ފުރުސަތްވެސް ބައިވެރިންނަށް ލިބިގެންދިޔައެވެ.

ހަމައެއާއެކު، ސެންޓާރާގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުގެ މައުލޫމާތް ހިއްސާކުރުމާއި ދާއިރާގެ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބުގެ ސެޝަންތައްވެސް މި ހަރަކާތުގެ ތެރެއިން ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންގޮސްފައެވެ.