ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތު ހައްޔަރުކުރި ދިވެހި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ހެކި ނެތިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ ޢަދްލާން ލަޠީފްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން 5 މެއި 2026 ގައި އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. ލިޔެކިޔުންތައް ދިރާސާކުރުމުން ދައުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ނެތް ކަމަށް ފެނިގެން އެ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ނުކޮށް މައްސަލަ ފުލުހުންނަށް އަނބުރާ ފޮނުވައިލުމަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެ ނިންމުން މުރާޖައާކޮށްދޭން އެދުމާ ގުޅިގެން މުރާޖައާ ހިނގާ މުއްދަތުގައި ދައުވާކުރުމުގެ ޤާނޫނީ މުއްދަތު ހަމަވެދާނެތީ 19 މެއި 2026 ގައި ދެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅީ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ހުށަހެޅި ދެ ދައުވާ އަކީ، ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓި ކަމުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ދައުވާއެވެ.

ޕީޖީން ބުނި ގޮތުގައި މި ދައުވާތައް ކޯޓަށް ހުށަހަޅާފައި ވަނީ ދައުވާކުރުމުގެ މުއްދަތު ހަމަވާތީ އެވަގުތު ދައުވާކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ، ފަހުން ދައުވާއެއް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އެއްކޮށް ބަންދުވާނެތީއެވެ. އެގޮތުން ކޯޓަށް ހުށަހެޅުމަށް ފަހު ދައުވާތައް އަލުން މުރާޖައާކޮށް، ބައެއް ސަބަބުތަކަށްޓަކައި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، ކޯޓުން އަނބުރާ ގެނެސްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ސަބަބުތަކަކީ މި މައްސަލާގައި އާދަމް ޢަދްލާން ލަޠީފް ގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުން ކަމަށްވީ ނަމަވެސް، އެފަދަ އެއްޗެއް އޭނާ ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ހޯދިފައި ނުވާތީއެވެ.

ދެވަނަ ސަބަބަކީ މި މައްސަލާގައި ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އާދަމް ޢަދްލާން ލަޠީފް ޒިންމާ ކުރުވޭ މިންވަރަށް ހެކި ލިބިފައިނުވާތީއެވެ.

ތިންވަނަ ސަބަބަކީ އާދަމް ޢަދްލާން ލަޠީފްއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނިފައިވީ ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައި ނުވާތީއެވެ. ނަތީޖާއެއްގެ ގޮތުން ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާ ކުރިއަށްގެންދެވޭކަށް ނެތް ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީން ބުނީ، މައްސަލާގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކަމަށެވެ.

ނަމަވެސް ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށްލުންކަމަށްވާއިރު، އާދަމް ޢަދްލާން ލަޠީފް ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެހެންކަމުން ދައުވާ ސާބިތުވާ ހާލަތުގައި ކުށަށް ކަނޑައެޅެން އޮތް އަދަބުން ތަހުގީގު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، އެ ދައުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނަ ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.