މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތައް އެއްވެސްގޮތަކަށް ބޭރުފައިސާ މާރުނުކުރާ 2 ރިސޯޓުގެ ނަން ހާމަކުރަން ނިންމައި އިއުލާންކޮށްފިއެވެ.
އެ ދެ ރިސޮޓަކީ، ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފަހު ފުރުސަތު ދޭކަމަށް ވެސް އެމްއެމްއޭއިން ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުން ގިނަ ރިސޯޓުތަކުން ދަނީ ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންނެވެ. އެ ގޮތުން، އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 78 އިންސައްތަ ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް 20 އިންސައްތަ ރިސޯޓުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި 20 އިންސައްތަ ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން 48 އިންސައްތަ ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ އިރު، އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ 15 އިންސައްތަ ފަރާތްތަކެވެ. އަދި 37 އިންސައްތަ ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަން ވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ތަންތަނަކީ ޖުމްލަގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ. މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން 38 އިންސައްތަ ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ 33 އިންސައްތަ ވިޔަފާރިންނެވެ. މި ކެޓަގަރީގައި ހިމެނޭ 29 އިންސައްތަ ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވެއެވެ. މި ވިޔަފާރިތަކުން ވެސް ވަނީ ކޮންސެޝަން ހޯދުމަށް އެދިފައެވެ. އެހެންނަމަވެސް މި ވިޔަފާރިތަކަށް ވެސް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 އިންސައްތަ ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން 30 އިންސައްތަ އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެއެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ.
ބޭންކުތަކަށް އަނބުރާ ދެވޭ މި 30 އިންސައްތަ ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެއެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެއެވެ.
އެހެންކަމުން ރިސޯޓްތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ އާއި ލާބަ ވިޔަފާރިތަކާއި ރައްޔިތުންނަށް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިންވެސް ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސްފަދަ ބާވަތްތައް އިމްޕޯޓްކުރުމަށެވެ.