ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ(ޔޫއާރުއޭ)ގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.
މި ބިލުގެ މަގުސަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ. އެގޮތުން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ޝަރުތުތަކާއި، މަގާމުގެ މުއްދަތަށް މި އިސްލާހުން ވަނީ ބަދަލުގެނެސްފައެވެ.
ކުރިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، 7 މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން، ބޯޑަށް ގާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވަނީ މި އިސްލާހުގައި ކަނޑައަޅާފައެވެ.
މި އިސްލާހުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ބިލު ޝާއިއުކުރުމާއެކު މި ބިލަށް ވަނީ އަމަލުކުރަންފަށައިފައެވެ.