ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށްޓަކައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. މި ބިލުގެ މަގްސަދަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމެވެ. ސަރުކާރުގެ ފަރާތުން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

މިއީ ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނު ގައި ބަޔާންކުރުމަށާއި، ގައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސް އާއި މޮނިޓަރިންގ ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލެކެވެ.

މި ބިލުގައި، ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ބެންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ދިވެހިރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުއާމަލާތްތަކުގެ ތެރެއިން، އެމްއެމްއޭއިން ކަނޑައަޅާ ޕޭމަންޓް މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި އެމް.އެމް.އޭ.އިން ކަނޑައަޅާ ސިސްޓަމް މެދުވެރިކޮށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމަ މިއާއެކު، ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެމްއެމްއޭ އިން އަންގާ ގޮތެއްގެ މަތިން، އަދި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މި ސިސްޓަމާ ގުޅި، މުއާމަލާތްތައް މީގެ ތެރެއިން ރޫޓްކުރަން މަޖުބޫރުވާނެއެވެ.

މި ބިލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، ގާއުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ގެނައި އިސްލާހަށް ވަނީ އަމަލުކުރަން ފަށައިފައެވެ.