ގަނޑުކޮށް ވިއްކާ ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ ގޮތަށް 'ކުނި މެނޭޖްކުރުމުގެ ގާނޫނު' އިސްލާހުކުރަން ރަައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ބިލަކީ ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ގާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކުގެ ތަފްސީލް ހިމެނޭ ބިލެކެވެ.

މި އިސްލާހުގައި، ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ގާއިމުކުރުމާއި، މަރުކަޒުތަކުގައި ހުންނަންވީ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކާއި، ގެންގުޅޭ ވަސީލަތްތަކާ ގުޅުންހުރި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމުގައި، ގާނޫނު ތަންފީޒު ކުރާ ވުޒާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކަށް ވަނީ އިސްލާހުގެންނަވާފައެވެ.

މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.

ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކަށް ބަލާލާއިރު، ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާ ނެގުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަށް އިސްތިސްނާވުން ވަނީ އިޞްލާޙުގައި ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެއެވެ.

ބިލުގައި ބުނެފައި ވަނީ މި ބިލަކީ ކުނި މެނޭޖްކުރުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މުހިންމު މަގްސަދެކެވެ.

ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ގައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ބަޔަށް ގެނައި އިތުރު އިސްލާހަކީ، ނުރައްކާތެރި ކުންޏާއި އެފަދަ ކުނީގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުންކޮށް، ވިއްކާ ހަދަންވާނީ މިނިސްޓްރީން ހަދައި ގަވާއިދެއްގެ ދަށުން އެންވަޔަަރަމަންޓް ރެގިއުލޭޓްރީ އޮތޯރަޓީގެ ހުއްދައެއް އޮވެގެން ކަމަށެވެ. ކުރިން ގާނޫނުގައި މިއީ މަނާކޮށްފައިވާ ކުށެކެވެ.