ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ނަމަވެސް ބައެއް ކައުންސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން އެއީ ވަކި ސަރުކާރެއް ކަމަށް ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ރާއްޖެއަކީ މިނިވަން، މުސްތަގިއްލު، ޑިމޮކްރެޓިކް ޖުމްހޫރީ އަދި "ޔުނިޓަރީ" ދައުލަތެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖެއަކީ ފެޑެރަލް ނިޒާމަކަށް ހިންގާ ގައުމެއް ނޫން ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިނގަމުންދާއިރު، ބައެއް ކައުންސިލްތަކުން އަމަލުކުރަމުންދަނީ އެއީ މައި ސަރުކާރުން ވަކިވެފައިވާ އަމިއްލަ ސަރުކާރުތަކެއްގެ ގޮތުގައި ދެކިގެންކަން ފަހަގަކުރައްވާ ސަލީމް ވިދާޅުވީ، ދެ ރަށެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އެއް ރަށުން އަނެއް ރަށަށް މީހުންނަށް ނޭރޭ ހިސާބަށް ކައުންސިލްތަކުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
ސަލީމް އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީހުގައިވެސް ވެރިކަން ކުރި އިރުގައި އެ ވެރިކަމުގެ ބާރުގެ އެންމެ މަތީ ފަރާތަކީ ހަލީފާ އެއް ކަމަށެވެ. އަދި ގަވަރުނަރުން ތިބި ކަމުގައި ވިޔަސް އެ ގަވަރުނަރުންގެ މައްޗަށް އަމުރު ހިންގުމާއި، އެ ގަވަރުނަރުންނަށް މަޝްވަރާ ދިނުމާއި، އަދި ގޯސްކޮށް ކަމެއް ކޮށްފިނަމަ އަނބުރާ އޭތި ގެނައުމާ، އެ ބަދަލުކުރުމުގެ ބާރު އޭރުގައި ހުންނަ ހަލީފާ އަކަށް ލިބޭ ކަމަށެވެ.
ސަލީމް ވަނީ، މުސްތަގުބަލުގައި ގައުމަށް އައިސްދާނެ ނުރައްކަލަކަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް ކުރީބައިގައި އަޅަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންނޫންނަމަ ރާއްޖެ އަކީ ބައިބައިވެފަ އޮތް ގައުމަކަށް ވުމުގެ ފުރުސަތާއި ބިރު އޮތްކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.