ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ ގޯތިގެދޮރު ނުވަތަ ކައުންސިލްތަކުގެ ބާރުތައް އަތުލުމަށް ގެންނަ އިސްލާހެއް ނޫން ކަމަށާއި، ދައުލަތުގެ ބޭނުމަށް ބިން ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ ގުޅިގެން ހުށަހަޅާފައިވާ އީޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެ އިސްލާހު އަނބުރާ ގެންދިއުމަށް އެދި 2،367 މީހުން ސޮއިކުރިއިރު، ހުށަހެޅި ގޮތަށް އެ އިސްލާހު ފާސްކޮށްދިނުމަށް އެދި 3،150 މީހުން ސޮއިކޮށްފައިވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކަށް ކައުންސިލަކުން ހުރަސްއަޅައި، އެ މަޝްރޫޢު ހިންގާނެ ބިން ނުދީ ހިފަހައްޓައިފިނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ތަރައްގީގެ މަޝްރޫޢު ހިންގުމަށްޓަކައި އެ ބިމެއް ބޭނުންކުރެވިދާނެ ކަމަށެވެ. ހަމައެހެންމެ މިއީ ވަރަށް ސާފުކޮށް، ތެދު ނިޔަތުގައި ބުނެފައި އޮތް ވާހަކައެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއަކަށް ކައުންސިލަކުން ގަސްދުގައި ހުރަސްއަޅައި ބިން ނުދީ ހިފަހައްޓައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތް ކަމަށެވެ.މިގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ މަޝްރޫއެއް ހިންގުމަށް އެ ބިމެއް ބޭނުންކުރުމުގެ ފުރުސަތު މި އިސްލާހުން ލިބިގެންދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މި އިސްލާހުގެ ހަގީގަތް އޮޅުވާލައި، ރައްޔިތުންނަށް ކުށްހީތަކެއް ވިސްނައިދިނުމަށް ކަމަށެވެ. އަދި ދައުލަތުގެ ބޭނުމަކަށް ބިމެއް ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް ކަމަށާއި، އޭގެ މާނައަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިގެދޮރު ސަރުކާރުން އަތުލައިގަތުން ނޫން ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގައި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުން ކަމުގައި ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާ ގުޅިގެން، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.