މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި މާރާމާރީ ހިންގައި، އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 23:00 އެހައިކަންހާއިރު ކަމަށެވެ.

އެގޮތުން މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި، އެތަނުގައި އިން އަންހެނަކަށް ފިރިހެނަކު ވަނީ ހަމަލާދީފައި ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ މި ހަމަނުޖެހުން ހުއްޓުވުމަށް އެ ވަގުތު އެތަނުގައި ތިބި ބަޔަކު މަސައްކަތް ކުރުމުން، އެ މީހުންނަށްވެސް ހަމަލާދީ، ރެސްޓޯރެންޓުގެ ދޮރަށް ގެއްލުން ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މާރާމާރީގެ ތެރޭގައި އެ ރެސްޓޯރެންޓުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން، އޭނާގެ ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.