މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީސީގެ އާމްދަނީ އިތުރުވެ ފައިދާގެ ގޮތުގައި 62.82 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައި ވާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާއެވެ. މިގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އަރާފައެވެ.އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިން އެ ކުންފުންޏަށް ވަނީ 589.46 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓްރޭޑިންގް ދާއިރާއިން 92.08 މިލިއަން ރުފިޔާއާއި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ޖުމްލަ 479 މަޝްރޫޢެއްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.އަދި 63 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އަލަށް ފަށާފައި ވާއިރު، 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އައު މަޝްރޫޢެއްގައި އެ ކުންފުނިން ވަނީ ސޮއިކޮށްފައެވެ.