މެރިކަލްޗާ ސިިނާއަތް ތަރައްގީކޮށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ކަންކަން ފަހިވާނެފަދަ މާހައުލެއް ގާއިމްކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، މެރިކަލްޗާ އަށް ވަކިން ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެ ދާއިރާއަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން އެ ސިނާއަތަށް މީހުން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގެ ދަށުން ފައްޓާފާއިވާ މަސައްކަތެއް ކަމަށްވީ އިރު، މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަނީ ދަސްކޮށްދެމުންނެވެ.
މިހާތަނަށް އެ ޕްރޮގްރާމުގެ ދަށުން، 76 މީހުން ތަމްރީނު ކޮށްފައިވެ އެވެ. އެއީ 6 ތަމްރީން ޕްރޮގްރާމެއްގެ ކުރިއަށްގެންގޮސްގެންނެވެ.
އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމީ ކޮންމެ އަހަރަކު 2 ޕްރޮގްރާމުގެ ގޮތުގައި ކަމަށް ނަމަވެސް ރައީސްގެ ނިންމެވުމަކާއިއެކު މިހާރު އަހަރަކު 4 ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ. އެގޮތުން މިއަހަރު 3 ވަނަ އަދި 4 ވަނަ ޕްރޮގްރާމް އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެރިކަލްޗާ ތަރައްގީ ކުރުމަށް މެރިކަލްޗާ ކުރުމަށް ފަހި މާހައުލެއް އޮންނަންޖެހޭ ކަމަށާއި އެހެންކަމުން މިކަން ފަހިކޮށްދިނުމަށް ގާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށްޓަކައި ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ބޮޑުމިން 3849 ހެކްޓަރަށް އަރާ އިރު، 6 އަތޮޅަކުން 13 ޒޯނެއް ވަނީ އެ ސިނާއަތަށް ކަނޑައަޅާފައިވެ އެވެ.
މެރިކަލްޗާ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީދިނުމަށް "މެރިކަލްޗާ ސްކީމް'ގެ ނަމުގައި ހާއްސަ ސްކީމެއްވެސް ވަނީ، ތައާރަފްކޮށްފައެވެ. އޭގެ ސަބަބުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން މެރިކަލްޗާ ސިނާއަތް ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސް ކޮށްދީގެން، ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް އެ ލޯނު ސްކީމް ތައާރަފް ކުރުމުގެ ބޭނުމެކެވެ.