ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރެފައިވާ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު މިދިޔައަހަރުގެ މި މުއްދަތުގައި ގްރީން ޓޭކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިއީ 5.8 އިންސައްތައިގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް ފުރަތަމަ 7 މަސް ދުވަހު އިތުރުވެފައިވާ އިރު މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު ގްރީން ޓެކުހުގެ ގޮތުގައި 88 މިލިޔަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 83 މިލިޔަން ޑޮލަރެވެ. އެހެންކަމުން ޑޮލަރުން ލިބުނު އާމްދަނީވެސް ވަނީ މިއީ 5.8 އިންސައްތަ އިތުރުވެފައެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ދައުލަތުން ނަގަން ފެށި ގްރީން ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ، ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.