ރާއްޖޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
ވަޒީރު ޝަހީމް އެކަމަށް ހުޅުވައިލެއްވީ އެ މަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމަކާ މެދު ހިޔާލު ދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީގެ ކުރިން ބުނީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ، އަޅަން ހަމަޖެހިފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ދިމާކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި ހުޅުމާލޭގެ ބޮޑު މިސްކިތް ވާނީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށާއި، މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިސްކިތުގެ ބިންގާ އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެ މިސްކިތް ވާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި އިމާންތެރިކަމާއި އިލްމާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ ތަރިކައަކަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ކަމަށްވީ އިރު، އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.
މި މިސްކިތަކީ ރާއްޖޭގައި މިހާތަނަށް ބިނަ ކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިރު، މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދު ކުރާނެ ޖާގައިގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނެ އެވެ.
މި މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.