ޑޮލަރު ހޯދަން އާންމުންނަށް އިންތިހާ އަށް ދަތިވެގެން ދިޔުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުމުގެ ނަތީޖާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ، ރިސޯޓުތަކުން ލިބޭ އާމްދަނީން ގާނޫނުގައި ބުނާ ވަކި އަދަދެއް މާރު ކުރުވައިގެން އާމްދަނީ ހޯދަމުން އަންނައިރުވެސް، މިހާ މައްޗަށް ޑޮލަރުގެ އަގު އަރައިގެން ދިޔުމަކީ މި ވަގުތު ކުރަން ނުޖެހޭ ބޭކާރު އެތައް ޚަރަދެއް ސަރުކާރުން ކުރަމުން ދާތީކަން ޤަބޫލުކުރަން ވެއްޖެ ކަމަށެވެ.

އޭގެ އިތުރުން ފައިސަލް ވިދާޅުވީ، ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން ކަމަށެވެ. އަދި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން އަބަދުވެސް ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާއަށް ކަމަށާއި ދަތި ވަގުތު ތަކުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ހުއްޓާލައި، ތަކެތީގެ އަގު ރައްޔިތުންގެ އަތް ފޯރާ ހިސާބެއްގައި ބަހައްޓަން މަސައްކަތްކޮށް އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އަމިއްލަ ފައިދާ އަށް ކުރާ ކަންކަމުގެ ނުރަނގަޅު އަސަރު މުޅި ޤައުމަށްކޮށް، ރައްޔިތުން އިނދަޖެހެން ދޫކޮށްނުލުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދެއްވުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއިން ދުވަހަކު މައްޗަށް ނުދާ މިންވަރަށް ޑޮލަރުގެ އަގު ބޮޑުވުމާއި އާންމުންނަށް ޑޮލަރު ލިބުމަށް އިންތިހާއަށް ދަތިވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާންމުންނާއި އިގްތިޞާދީ މާހިރުން ގެންދަނީ ފާޅުކުރަމުންނެވެ.