ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފިއެވެ.
ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓް ކާސްޓު ކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:00ގަ އެވެ. އޭގެފަހުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ވަނީ ގުޅުވާލެވިފައިވާކަމަށެވެ.
މިމަސައްކަތްކުރާ އެފްކޮންސް ކުންފުނިން ބުނީ ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފަދަ އިތުރު އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އިތުރު ވަގުތު ނަގާނެކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެކީ ނިމުމުން ކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާއިރު، އެ ރަށްތަކަށް ގުޅާލާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.
އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގަ އެވެ.