ބްރިޖު ހައިވޭގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލްނުވެ އެކްސިޑެންޓްވި ލެމްބޮގޮނީ ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ތިބީ، ކާރު ދުއްވި ބ. ކަމަދޫ މިޔްނިކް، އުމުރުން 40 އހަރުގެ ހަސަން ރިފާއު އާއި 13 އަހަރުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ކާރު ދުއްވި ހަސަން ރިފާއުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ހަސަން ރިފާއު އަށާއި ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ވަނީ ދީފައެވެ.
މި އެކްސިޓެންޓްގައި ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތާއި މިހާރު ވަނީ ވެރިފަރާތާ ހަވާލުކުރެވިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.