"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފޯމްތައް އިވެލިއުއޭޝަން މަރުހަަލާ ކުރިއަށްދާއިރު، ސައްހަނޫން ފޯމްތައް އިސްލާހުކޮށް އަލުން ހުށަހެޅުމަށް މުހުލަތެއް ދޭނޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަންގެ މަސައްކަތް ވުޒާރާއިން ކުރަމުންދާކަމަށެވެ.
އެ ވުޒާރާއިން ބުނީ، ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު މަޢުލޫމާތުގެ ފުށުއެރުމެއްވާނަމަ، ހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް، އެކަން އެޕްލިކަންޓަށް އަންގާއިރު ފޯމް އިސްލާހުކޮށް ހުށަހެޅުމަށް 7 ދުވަހުގެ މުހުލަތެއް ދޭނޭކަމަށެވެ.
އެ ވުޒާރާއަށް ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން އެޕްލިކޭޝަނާ ގުޅިގެން އެ ވުޒާރާއިން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ބޯހިޔާވަހިކަން ޕޯޓަލް އެކަނިކަމަށާއި، އެ ވުޒާރާއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީޢާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
މި ސަރުކާރުން ހުޅުވާލި ގޯއްޗާއި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ، ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ.
މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.