ލ. މާބައިދޫގައި ސަރުކާރުން ގާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުންކުރަން ފަށާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
މި އައިސްޕްލާންޓް ގާއިމްކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ.
އެ ވުޒާރާއިން ބުނީ، މާބައިދޫގައި ގާއިމުކުރާ މި އައިސްޕްލާންޓުގެ 85 އިންސައްތަ މަސައްކަތް ނިމި، މި އަހަރު ތެރޭގައި ހުޅުވިގެންދާނެ ކަމަށާއި، މިހާރު އެ ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އައިސްޕްލާންޓަށް ބޭނުންވާ ޑީސަލް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި އިމާރާތުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ތާޒާ އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ސަރުކާރުން ދަނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ 5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށުގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ ފެސިލިޓީއެއް ހުޅުމާލޭގައިވެސް ޤާއިމްކުރުމަށް އެ ވުޒާރާއިން މިހާރު ވަނީ ނިންމާފައެވެ.
މާބައިދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމި، މި އައިސްޕްލާންޓުން ޚިދުމަތް ދޭން ފެށުމުން، އެ ރަށުގެ އިތުރުން ލ. އަތޮޅުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.