މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ސަލީމް ވިދާޅުވީ، މި ބޯޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ އެއަރކްރާފްޓްތަކެއް ކަމަށެވެ. މި ބޯޓުތަކާއެކު ސީޕްލޭން ދަތުރުތައް ރޭގަނޑު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަންގައި ގެންގުޅޭ ބޯޓުތަކުގައި ރޭގަނޑު ދަތުރުކުރެވޭ އިކުއިޕްމަންޓްސް އާއި އެއްޗެހި ނުހުންނާނެ ކަމުގައި ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެހެން ނަމަވެސް މިހާރު އޯޑަރދީފައިވާ އެއަރކްރާފްޓް ތަކުގައި ރޭގަނޑުވެސް ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ސީޕްލޭންއެއްގެ ގޮތުގައިވެސް ދަތުރުކުރުމުގެ ފުރުސަތު އޮވެފައި އޭގެ އިތުރަށް ވީލްބޭސްގައިވެސް ބޭނުންކުރެވޭނެ ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތަކީ މޯލްޑިވިއަނަށް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއެއް ކަމަށްވާއިރު، މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިވަގުތު 11 ބޯޓު އޮވެއެވެ. އަދި ސީޕްލޭންގެ ފްލީޓް ބޮޑުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން ބައެއް ރަށްތަކަށްވެސް ދަނީ ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި މިހާރުވެސް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ގިނަ ރިކުއެސްޓްތައް އަންނަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ.

މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ ކެނެޑާގެ ކުންފުންޏަކާއެކު 2 ސީޕްލޭން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓެވެ.