ކުދި ޖަޒީރާ ގައުމުތަކަށް އެކަށޭނަ ގޮތަކަށް ރިޕޯޓިންގ ނިޒާމު ބަދަލުކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް-17 ގެ ހަވާސާގައި، ޗައިނާ ޕެވިލިއަންގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ. މި ޕެނަލް މަޝްވަރާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކާއި އަދި ބޭނުންވާ ޚާއްސަ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ޑިރެކްޓަރ އަޙްމަދު ޝާން ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، ހާއްސަކޮށް ތިރި ފަރުފަޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކަށް 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ދަތިތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ޝާން ވިދާޅުވީ، މިހާރު މި ޕްލެޓްފޯމް އެކުލަވާލެވިފައިވާ ގޮތާއި ބޭނުންވާ މައުލޫމާތުތަކަކީ، ރާއްޖެ ފަދަ ބިމުގެ ސަރަހައްދު ކުޑަ، ރަށްތައް ވަކިވަކިން ބެހިފައިވާ އަދި މޮނިޓަރ ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކުގެ ހަގީގީ ހާލަތާ އެކަށޭނަ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށެވެ.
މީގެއިތުރުން، ޝާން ވަނީ، ބިމުގެ ބޭނުން ހިފާ ގޮތް ދެނެގަތުމަށް ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ދެނެގަތުމަށާއި ޕްލޭން ކުރުމަށް މުހިންމުވާ ކުދިކުދި ބިމުގެ ގިރުމުގެ މައްސަލަތަކާއި އައްސޭރިފަށަށް އަންނަ ބަދަލުތައް ސާފުކޮށް ނުފެންނަކަން ފާހަގަ ކުރައްވާފައެވެ.
ޝާން ވިދާޅުވީ، ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، ކުދި ޖަޒީރާ ގައުމުތަކާ ގުޅޭ އުސޫލުތައް އެކަށައެޅުމަށާއި، ރަނގަޅު ފެންވަރުގެ (ހައި-ރިޒޮލިއުޝަން) ޑޭޓާ ހޯދުމަށް ރާއްޖެއިން އުއްމީދު ކުރާ ކަމަށެވެ.
މީގެ އިތުރުން، ސައްހަ މައުލޫމާތު ރިޕޯޓުކުރުމަށާއި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ގައުމުތަކަށް ބޭނުންވާ ފަދަ ހާއްސަ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް ޝާން ވިދާޅުވިއެވެ.