ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަން މަޝްވަރާ ކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް ފަޟީލަތުއްޝައިހު ޑރ. އަބްދުއްލަތީފު ބުން އަބްދުލްއަޒީޒު އާލުއްޝައިހްގެ ދައުވަތަކަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހްދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އިސްލާމީ ދާއިރާއިން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސްއިން، އިސްލާމީކަންތައްކާއި އައުގާފާ ބެހޭ ވުޒާރާއަށް ދެމުން ގެންދާ އެހީތެރިކަމާއި، އިސްލާމްދީން ފެތުރުއްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވަޒީރު ވަނީ ޝައިހް ޑރ. އަބްދުލްލަތީފް އާލްޝައިހަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސަރަހައްދީ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ އިރު، ދެ ގައުމުގެ ވުޒާރާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ކިންގު އަބްދުލްއަޒީޒް އިންޓަނޭޝަނަލް ގުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައު ބައިވެރިވެލެއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.