ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމަކީ، ބަންގްލަދޭޝްގެ ޑިމޮކްރެސީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށާއި، އެއީ އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ތާރީހީ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށާއި، ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރެވި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރު އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ޔަގީންކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ، ރައީސް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުގެ ދައުރުގައި ބަންގްލަދޭޝްއަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުންނެވެ.