އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެނގުން މުހިންމު ކަންތައްތަކެއް ހިމަނައިގެން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބުނީ، މި އިސްލާހުގެ ދަށުން ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި، މީހުން ދިރިނޫޅޭ ރަށްރަށުގައި ފޯރުކޮށްދޭ އެކޮމަޑޭޝަންއާއި ކަނޑު އުޅަނދު ފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ އުޅަނދުން ފޯރުކޮށްދޭ އެކޮމޮޑޭޝަން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފަށް ލިބޭ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭ ގޮތަށް ކަނޑައެޅުން ހިމެނޭ ކަމަށެވެ.
މި އިސްލާހާއެކު އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓަރުގެ ރިޕޯޓު ހުށަހަޅުމަށް ބަލަންޖެހޭ ކަންތައްތަކަށް މުހިއްމު ބަދަލުތަކެއް އައިސްފައިވާ ކަމަށް މީރާއިން ބުނެއެވެ. އެ ގޮތުން ވިޔަފާރީގެ ނޮން-ކަރަންޓް އެސެޓްތައް ގަތް އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ އާމްދަނީގެ މިންވަރަށް ބެލުމެއްނެތި އެކްރޫއަލް ބޭސިސްއަށް ހިސާބު ތައްޔާރުކޮށް އޮޑިޓަރުގެ ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި 'އޮޕަރޭޓިންގ ލީސް' އާ ގުޅިގެން އަދަދެއް އުނިކުރެވޭނީ ލީސްގެ މުއްދަތަށް ބަހާލައިގެން 'ސްޓްރައިޓް-ލައިން ބޭސިސް' އެއްގައިކަމަށް ވަނީ ކަނޑައަޅައިފައިވާނޭ ކަމަށް ވެސް މީރާއިން ބުނެއެވެ. އަދި އިންކަމް ޓެކްސް ޤާނޫނުގެ ބޭނުމަށް 'ފައިނޭންސް ލީސް' އެއް ތޯ ކަނޑައެޅުމުގައި ބަލާނެކަންތައްތައް މުޅިން އަލަށް މި އިޞްލާހުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގެ އިމާރާތްތައް ފިޔަވައި، ޓޫރިސްޓް އެސްޓަބްލިޝްމަންޓްތަކުގެ އިމާރާތްތަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް، 4 އިންސައްތައިން 2.5 އިންސައްތައަށް ޓެކްސް އަހަރު 2027 އިން ފެށިގެން ބަދަލުކުރުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
ހަމައެއާއެކު، ޓެކްސް ދައްކާ ފަރާތްތަކުން މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރަންޖެހޭ 'ފަންކްޝަނަލް ކަރަންސީ' ކަނޑައަޅާނެ ގޮތް ބަދަލުކޮށް ފަންކްޝަނަލް ކަރަންސީ ކަނޑައެޅުމުގައި ބަލާނެ އާ މިންގަނޑުތަކެއް ވަނީ ތަފްސީލުކޮށްދީފައެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ އެއްވެސް ރޭޓަކަށް ބަދަލު އައިސްފައިނުވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މި އިސްލާހު މީރާގެ ރަސްމީ ވެބްސައިޓުގެ އިތުރުން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.