"46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރްއާން" މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.
"ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތަކީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްތެވެ.
މި މުބާރާތުގައި 4 ކުއްޖަކު ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. އޭގެ ތެރެއިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ މުބާރާތުން 4 ވަނަ ހާސިލްކޮށްފައެވެ. މި މުބާރާތުގެ 4 ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.
މިއަހަރު މުބާރާތުގައި 133 ގައުމަކުން ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިފަހަރަކީ ތާރީހުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެކުރިން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ހަފްލާއަށްފަހު ސަޢުދީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާ އާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.