ބާޒާރާއި ފިހާރަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތައް ތައްޔާރުކޮށްފައިވާ އަގުމަގު ޕޯޓަލްގައި މިހާތަަނަށް 224 ފިހާރަ ރަޖިސްޓްރީކޮށްފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، އަގުމަގު އެޕް މިހާތަނަށް 3300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރާއިރު، މިހާތަނަށް 224 ފިހާރައަކުން އެޕްގައި ރަޖިސްޓްރީވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެ ވުޒާރާއިން ބުނީ، މި އެޕް މެދުވެރިކޮށް އެކި ފިހާރަކުގައި މުދާ ވިއްކަން ހުރި އަގުތައް ވަރަށް ފަސޭހައިން ބަލާލާއި އަޅާ ކިޔާލެވޭނެކަމަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ތަކެތި ލިބެން ހުރި ތަން ވަގުތުން ބަލާލެވޭނެކަމަށެވެ.
ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް ތައާރަފްކޮށްފައިވާއިރު މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ.