ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ގާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ރަށްރަށުގައި އަލަށް ގާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ އަދި ފެނަކައިގެ ހެޑް އޮފީހުގެ ޓީމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އަލަށް ތަޢާރަފުކުރެވުނު ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ދިވެހި މުވައްޒަފުންނަށް ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ހަކަތައާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.