ރާއްޖޭގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރުން ތަންފީޒު ކުރެވިއްޖެނަމަ ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު މިފަދައިން ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސަރުކާރުތަކުން ފަހަތަށް ނުޖެހި ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ކުރިން ވިދާޅުވި ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ.
މުނައްވަރު ވިދާޅުވީ، ހަމައެކަނި ރުފިޔާ ބޭނުންކުރުމުގެ ސިޔާސަތު ނުވަތަ "ޑީ-ޑޮލަރައިޒޭޝަން" ކާމިޔާބުވާނީ އިގްތިސޯދުގެ މައިގަނޑު އަސާސްތައް އެކުއެކީގައި ހަމައަކަށް އެޅުވިގެން ކަމަށެވެ.
އެހެން ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް މުނައްވަރު ނުދެއްވަ އެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެގޮތުން، ކެޓަގަރީ "އޭ" ގެ ރިސޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭއިރު، ކެޓަގަރީ "ބީ" ގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެ އެވެ.
މުނައްވަރު ކުރިން ފާހަގަކުރެއްވި ގޮތުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުރުވުމަކީ މުޅި އިގްތިސޯދަށް އޭގެ މަންފާ ކުރާނެ ކަމެކެވެ. މި ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިޒާވަށް އެދެވޭ ކުރިއެރުމެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގެ އިގްތިސޯދަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވާ، އަދި ކާބޯތަކެއްޗާއި އާންމު މުދަލުގެ ބޮޑު ބައެއް ބޭރު ގައުމުތަކުން އެތެރެކުރާ އިގްތިސޯދެކެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި މާލީ ހަރުދަނާ އުސޫލުތަކެއް ގެންގުޅުން ލާޒިމު ކަމަށް އިގްތިސޯދީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި، އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ކުޑަކުރުމާއި، މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުން ހުއްޓާލުން ހިމެނެ އެވެ.
ހާއްސަކޮށް އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވިޔަ ނުދިނުމަށްޓަކައި، ރިކަރަންޓް ހަރަދުތައް ކުޑަކުރުމާއި މަރުކަޒީ ބޭންކުން ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. ހަމަމިއާއެކު، ފައިސާއާބެހޭ އިދާރާތަކުން، އިގުތިސާދުގައި އިތުރުވެފައިވާ ފައިސާ އަނބުރާ ނަގައި، ބޭރު ފައިސާގެ ސާފު ރިޒާވް އިތުރުކޮށް، އަދި ފަތުރުވެރިކަމުގެ ރިސޯޓުތައް ފަދަ ބޮޑު އާމްދަނީއެއް ހޯދާ ފަރާތްތަކުގެ މައްޗަށް ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރަން ޖެހެއެވެ.
އެމްއެމްއޭއިން ގަބޫލު ކުރާ ގޮތުގައި އެތެރޭގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ރުފިޔާ ބޭނުންކުރުން މަޖުބޫރުކުރުމަކީ ޑޮލަރުގެ ޑިމާންޑް ކުޑަކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.