މާލޭގެ މާފަންނު ނެދުންގޯޅި ހިނގާ މީހުންނަށް ޚާއްޞަ "ޕެޑެސްޓްރިއަން" ގޯޅިއަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.

މި މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ކަމަށެވެ.

އެ ކައުންސިލުން ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައި ވަނީ، މާފަންނު ނެދުންގޯޅި ޕެޑެސްޓްރިއަން ގޯޅިއަކަށް ބަދަލުކުރުމަށް އެދި އެ ގޯޅީގައި ހުންނަ ގޭގޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވީ އެ ޕެޓިޝަނާ ގުޅޭގޮތުން ފަންނީ އަދި އިދާރީ ދިރާސާތައް ކުރުމަށްފަހު ގޮތެއް ނިންމުމުގެ ބޭނުމުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށް ވުމާއެކު، ބައެއް ކުދި ގޯޅިތައް ހިނގާ މީހުންނަށް ޚާއްޞަ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަކީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ޓްރެފިކް ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމައިފައި ކަމަށެވެ.