2028 ވަނަ އަހަރު މާލެ ސަރަހައްދުގައި އުޅޭ ގިނަ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ކުރިޔަށް ގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ރައީސާ ބައްދަލުކުރި މީހުން ވަނީ ބޯހިޔާވަހިކަމުގެ ދަތިތަކަމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ރައީސާ ބައްދަލުކުރި ރައްޔިތުން ވަނީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އައިކަމުގައިވީނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް އަމިއްލަ ބޯހިޔާވަހިކަން ނެތްކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި ބައެއް މީހުން ވަނީ އެމީހުންނަކީ ވަރަށް ކުރިން މާލެއަށް ބަދަލުވެފައި ތިބި މީހުންކަމަށް ވާތީ ރާއްޖޭގެ އެހެން ހިސާބަކުންވެސް އަމިއްލަ ގޯއްޗެއް ނެތްކަން ފާހަގަކޮށްފައެވެ.

ރައްޔިތުން ފާހަގަކުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު މާލެ ސަރަޙައްދުން ގިނަ މީހުންނަށް ފްލެޓް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފްލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފްލެޓް ދިނުމަށް މަސައްކަތް ކުރާނަން. އިތުރަށް ފުރުޞަތު ހޯދަދައިނުމަށް ފްލެޓް އަޅައިގެން މި މަސައްކަތް ކުރަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރުގެ ތެރޭގައި އެކަން އެންގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.