މުދަލު ޒަކާތް ދައްކަން ވާޖިބުވާ ނިޞާބުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ދަށްކޮށްފިއެވެ.

މިދިޔަ އޭޕްރިލް 21 ވަނަ ދުވަހު ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކުރި ނިސާބުގެ މިންވަރަކީ 21،836.50 ރ.އެވެ.

ޒަކާތް ހައުސްއިން ނެރުނު ބަޔާނުގައިވަނީ ޒަކާތުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ގ)ގެ ދަށުން އެކުލަވާލައިފައިވާ " ޒަކާތް ނެގުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް" އަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެހެން ކަމުން އިއްޔެއިން ފެށިގެން، ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަކީ، ރިހީގެ ގުރާމަކަށް 32.38ގެ ރޭޓުން 595 ގުރާމަށްވާ 19،266.10 ކަމުގައި އެއިދާރާއިން ވަނީ ކަނޑައަޅާފައެވެ. މިއީ ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް 2570 ރުފިޔާ މަދު އަދަކެކެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަށްވީ ހިނދު، އެމީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން 01 އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސް ބައިކުޅަ އެއް ބައި ނުވަތަ 2.5 އިންސައްތަ ނެރުމަށް ވަނީ ވަސިއްޔަތް ކުރައްވާފައެވެ.