ހއ. ފިއްލަދޫ އުތުރުކޮޅުގައި އެ ރަށާ ގުޅިފައި އޮންނަ ދައްޕަރުގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފިއްލަދޫ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނީ، އެ ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރުގައި ޓޫރިޒަމްއަށް ތަރައްގީކުރާނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން ދައްޕަރުގެ 226.13 ހެކްޓަރު ޓޫރިޒަމްއަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
އެ މަޝްރޫއުގެ ބިޑް ކާމިޔާބުކުރާ ފަރާތަކަށް ދައްޕަރުގެ ބިން 50 އަހަރުގެ މުއްދަތަކަށް ލިބޭނެ ކަމަށާއި ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރާތާ ތިން އަހަރު ތެރޭގައި ޓޫރިޒަމަށް ތަރައްގީކޮށް ނިންމަންވާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެެއެވެ.
މިގޮތުން އެ މަޝްރޫއަށް ކުރިމަތިލުމަށް ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އެ މަޝްރޫއުގެ ބިޑަށް ކުރިމަތިލެވޭނީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއި ބޭރުގެ އިންވެސްޓްމެންޓުތަކަށެވެ.
އެ މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ،[email protected]އަށް އީމެއިލްކުރުމަށް ނުވަތަ ކައުންސިލުގެ ނަމްބަރު 6500023 އަށް ގުޅުމަށް ފިއްލަދޫ ކައުންސިލުން ވަނީ އެދިފައެވެ.
ދައްޕަރަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ރިޒޯޓު ތަރައްގީކުރަން ކަނޑައެޅި ސަރަހައްދެކެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ގަރާރަކުން އެތަން ރިޒޯޓަކަށް ތަރައްގީކުރަން ދޫކުރަން ނިންމައި، އެތަން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނިއެވެ.