މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ مُحَمَّدٌ މުހައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަ ކަމަށް މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފިއެވެ.

"މާތް ނަބިއްޔާ މުހައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަ ދެކެ ލޯބިވުން" މި މައުޟޫޢުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ދީނަކީ، އިސްލާމްދީން ކަމަށެވެ.

"ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެކަން) ޤަބޫލެއްނުކުރައްވާ ހުއްޓެވެ. އަދި، އާޚިރަތުގައި އޭނާވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ނަބީކަމާއި ރަސޫލުކަމާއިގެން مُـحَمَّدٌ ގެފާނު ފޮނުއްވުމުގެ ކުރީގައި މަދު ބައަކު ފިއަވައި، ބުދަށާއި ގަސްގަހާގެއްސަށާއި އަލިފާނަށާއި ފެނަށާއި ހިލައަށާއި އިންސާނުންނަށް ވެސް މީސްތަކުން އަޅުކަންކުރި ކަމަށެވެ. އަދި އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ ކޮބައިކަން ދަންނަމީހުން މަދު ކަމަށާއި ކުރީން ބާވައިލެއްވުނު އިލާހީ ޝަރީޢަތްތައް ވަނީ ތަޙުރީފުކުރެވި، އޭގެ އަޞްލު ގެއްލިފައި ކަމަށާއި ދުނިޔޭގައި އޮތީ ޖަންގަލީގެ ޤާނޫނު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އެގޮތުން އެއިރު ވިޔަފާރިމުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކި ކަމަށާއި އަނިޔާވެރިކަން ވަނީ ބޮޑުވެފައި ކަމަށާއި އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ މުންކަރާތްތައް ވަނީ ފެތުރިފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

އަދި މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ مُحَمَّدٌ ގެފާނު ކަމަށާއި އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކުކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައެވެ. އަދި މާތް اللهގެ ދީނަށް، އެކަލާނގެ އަމުރުފުޅާ އެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކުކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއް ފަދަ ބޭކަލަކުކަމުގައެވެ." ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މާތް ސާހިބާ مُحَمَّدٌ ގެފާނަކީ ތަޤުވާވެރީންގެ އިމާމު ކަމަށާއި އެއީ ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި މާތް ސާހިބާ ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާ ކަމަށާއި އެއީ އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާ ކަމަށެވެ.

ހުތުބާގައި ބުނީ ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިޙުތިރާމްކޮށް އަދަބު تَعْظِيْمُ އަދާކުރުން ކަމަށާއި އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް އެބަހީ: އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށެވެ.

"لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِيْنَ މާނައީ: "ތިޔަބައިމީހުން ކުރެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ އެ މީހަކު ލޯބިވެއްޖައުމަށް ދާންދެން، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާހުށްޓެވެ." ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ވަނީ ރަސޫލާއަށް ނަފުރަތުކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަންކަމުގައި ފާހަގަކުރައްވާފައެވެ.

ހުތުބާގައި ވަނީ الله تَعَالَىއަށް ތަޤުވާވެރިވެ އެކަލާނގެއަށް ބިރުވެތިވެ، އަދި އާޚިރަތް ދުވަހުގެ ފަލާޙާއި ކާމިޔާބީއަށް އެދުމަށާއި ރަސޫލާ ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލާފައެވެ.

މިގޮތުން އެ ތަރިކައަކީ އެއީ اللهُ سُبْحَانَهُ وَتَعَالَى ބާވައިލެއްވި ފޮތާއި ކައުއިތުރު ރަސޫލާގެ ސުންނަތް ކަމަށާއި ޤުރްއާނާއި ސުންނަތުގައި ހިފަހައްޓައިފި ބަޔަކު މަގުއޮޅިގެނެއްނުދާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.