ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް ހަސަން ފައިހަތު ގުދުރަތުﷲ އައްޔަންކުރައްވައިފިއެވެ.
ފައިހަތު އަކީ ގދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އެވެ.
އެފްޑީސީން ރޭ ބުނީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ފައިހަތު ގުދުރަތުﷲ ހަމަޖެހިގެން ދިޔުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ފައިހަތުގެ ލީޑަޝިޕްގެ ދަށުން އެފްޑީސީއަށް އިތުރު ކާމިޔާބީތަކާއި ދެމެހެއްޓެނިވި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފައިހަތު ހިމެނޭހެން މިހާރު އެ ކޯޕަރޭޝަނުގައި ދެ ޑީއެމްޑީން ތިއްބަވާނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އުފެއްދި ކުންފުންޏެކެވެ.