ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކޮއްފައިވަނީ ޓެކްސް އާމްދަނީ ކަމަށް ވީއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 21.1 ބިލިއަން ރުފިޔާ ނުވަތަ 11.9 އިންސައްތަ އިތުރަށް ލިބިފަ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ

އެގޮތުން ވިޔަފާރި ފައިދާއިނ ނަގާ ޓެކްސް 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް ނުވަތަ 20.6 އިންސައްތަ އިތުރުވެފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް ނުވަތަ 16.4 އިންސައްތަ މަތިވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 14.3 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުވަތަ 6.3 އިންސައްތަ އިތުރަށް ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް ނުވަތަ 32.1 އިންސައްތަ އިތުރުވެފައިވާއިރު، މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ) ހިމެނެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 15.4 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ ވަނީ މަތިވެފައެވެ.