ގާނޫނުގައި މިހާރުވެސް އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކައިފިނަމަ ޖޫރިމަނާކުރެވޭ ގޮތަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު (އަންޑޭ) އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
އެގޮތުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެ ވިއްކާނަމަ ޖޫރިމަނާކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ ބިލު މާލިއްޔަތު ކޮމިޓީން އިސްލާހުކުރުމާ ގުޅިގެން އެކަމަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ، މިހާރު އޮތް އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާގައި ވެސް ހަމަ އެ ޖޫރިމަނާގެ ވާހަކަ އެބަ އޮތް ކަމަށެވެ.
ނަމަވެސް، ޖެހޭ މައްސަލައަކީ ގާނޫނު ތަންފީޒުނުކުރެވުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާގޮތުން އެކްސްޗޭންޖު ރޭޓުގެ ނިޒާމު އެމްއެމްއޭގެ ލަފައާއެކު ކަނޑައަޅަން ވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މިގޮތުން އެ ނިޒާމު ތަންފީޒުކުރުމަށްޓަކައި އެކްސްޗޭންޖު ރޭޓު އަދި އެކްސްޗޭންޖު ރޭޓާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަންވާނީ އެމްއެމްއޭއިން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި ވަނީ ވަކި ބޭރު ފައިސާއެއް ގަންނަ އަގާއި ވިއްކާ އަގު ކަނޑައަޅާފައިވާނަމަ، އެ އަގު ނޫން އެހެން އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާ ކަމެއް ކަމަށާއި އެ އޮތޯރިޓީގެ ހުއްދަ ނެތި އެ މުއާމަލާތްތަކުން އިތުރު ކޮމިޝަނެއް ނުވަތަ އެއްވެސް ފައިދާއެއް ނެގުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައެވެ.
މީގެ އިތުރުން އެ މާއްދާގައި ބުނާ ކުށް ކޮށްފިނަމަ، 10،000 ރ. އާއި އެއް މިލިއަން ރުފިޔާ ނުވަތަ 10،000 ރުފިޔާ އާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާކުރުމުގެ އިހްތިޔާރު އެމްއެމްއޭއަށް ލިބިގެންވެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ ބިލަށް މާލިއްޔަތު ކޮމިޓީން ވަނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެ ވިއްކާ ނަމަ 25،000 ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ.
ހަމައެހެންމެ އެ އިސްލާހުގައިވާގޮތުން އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގެއްގައި ބޭރު ފައިސާ ވިއްކުން އިސްތިހާރުކުރުމަށް ނުވަތަ އެކަމަށް ހިތްވަރުދިނުމަށް ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން މައުލޫމާތު ފެތުރުމާއި ޝާއިޢު ކޮށްފިނަމަ 25،000 ރ. އާއި 500،000 ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުންވެސް ހިމެނެއެވެ.