ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ މުހިންމު ފޯރަމްތަކެއް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިކަންހާމަކޮށް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ކަމަށެވެ. އެގޮތުން މި ފޯރަމްތައް ކުރިއަށްދާނީ މި މަހުގެ 23 އިން 25 އަށް ބާސެލޯ ނަސަންދުރާ ގައެވެ.
މި ފޯރަމްތަކަކީ ދިވެހި ޚާރިޖީ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި، އދ.ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަންރޮސް) ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ.
މި ފޯރަމްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ 4 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށާއި ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޕްލިނިނަރީ ސެޝަންތައް ޗެއަރ ކުރައްވާފައެވެ.
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ވިޔަފާރިތަކާއި، އިންވެސްޓަރުން، އެހީދޭ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި އެ ބައްދަލުވުމުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރެވޭނެއެވެ.
މި އަހަރު ރަސްމީކޮށް އިފްތިތާޙުކުރާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބްސް)" ގެ ދަށުން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒަކީ ޖަޒީރާ ޤައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، އިންވެސްޓަރުން ހޯދުމާއި ގުޅުން ބަދަހިކުރުމެވެ.
މި ފޯރަމްގައި ރާއްޖެއިން ތަރައްޤީގެ މަގުގައި ހޯދާފައިވާ ކާމިޔާބީތަކާއި އީޖާދީ މަސައްކަތްތައް ހިއްސާކުރުމަށް ހަމަޖެހިފައި ވާއިރު، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތަ އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިވެރިންނަށް ދައްކާލުމަށް ޚާއްޞަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ.
މިގޮތުން ބައިނަލްއަޤްވާމީ މުހިންމު ފޯރަމުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.