އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ހުށައަޅާ ޕެޓިޝަން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެންޑޯޒް ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު ވަނީ 5،000 އަށް ވުުރެ މަތިވެފައެވެ.

މި ފެޓިޝަނާއި ގުޅިގެން ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަދައްކައްކަވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ފުރުޝާން ވިދާޅުވީ، މީގެ ކުރިން ވެސް ސޯޝަލް މީޑިއާގެ އިތުރުން މުޒާހަރާތަކުގައި ވެސް މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ތަކުރާރުކޮށް ގޮވާލެއްވި ކަމަށެވެ.

" އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ކައުންސިލަރުން ވެސް އެ ޕެޓިޝަން އެންޑޯޒް ކޮށްދީ، މާލެ ސިޓީ ކައުންސިލުން އޭތި އެންޑޯޒް ކޮށްދީ . އަޅުގަނޑުމެން މި ސާލަކަށް ވެގެން ވަންޏާ އަޅުގަނޑުމެންގެ ލެޑް ސްކްރީން ތަކުގަ ވެސް އޭތީގެ ކިއު އާރް ކޯޑެއް އަރުވާ ރައްޔިތުންނަށް ސްކޭންކޮށްގެން އޭގެ ސޮއި ކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމު ކޮށްދީ މި ހުރިހާ ކަމެއް ކޮށް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް "

މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ހުސެން ފުރުޝާން

ފުރުޝާން ވިދާޅުވީ، މަޖިލިސް މެމްބަރުންގެ މުސާރަ އަށް 82،000 ރުފިޔާ ދޭއިރު، އެފަދަ ބޮޑެތި އެހީތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ޕެޓިޝަންގައި 5،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައި ވާއިރު، އެ ޕެޓިޝަނަކީ މިހާރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެެނެސް ބަހުސްކޮށްގެން ގޮތެއް ނިންމަން ޖެހޭ ވަރަށް ސޮއި ހަމަވެފައި އޮތް ޕެޓިޝަނެކެވެ. އެގޮތުން، މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ މެދު އެގޮތަށް އަމަލުކުރަން ޖެހޭނީ ސޮއިކުރި މީހުންގެ 2،100 އަށް ވުރެ މަތި ވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، ކޮންމެ މެންބަރަކަށް އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހެލްތު އިންޝުއަރެންސް ޕްލޭނެއް މިހާރު ލިބޭނެއެވެ.