މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މަސްވެރިން ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، "އާރުވެރި މެޗިންގ ގްރާންޓު" އިފްތިތާޙް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށާއި، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، މި މައްސަލަތަކަކީ ހަމައެކަނި ސަރުކާރަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

" އާމުދަނީ އިތުރުކުރެވޭނެ ގޮތްތައް މަސްވެރި ސިނާއަތުގަ ހަރަކާތްތެރިވާ މަސްވެރިންނުން ފެށިގެން ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑެތި މި ގޮން ޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން މި ދަނީ. އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ މަސްވެރިކަމުގެ މި ސިނާއަތު އަދި ކޮންމެ ސިނާއަތެއްް ވެސް ހުންނަ ގޮންޖެހުންތައް އެއީ ހަމަ އެކަނި ސަރުކާރަކަށް ހައްލު ކުރެވޭނެ ގޮންޖެހުންތަކެއް ނޫން. ސަރުކާރުން އެ ގޮންޖެހުންތައް ހައްލު ކުރާ އިރުގަ އެ ސިނާއަތެއްގަ ހަރަކާތްތެރިވާ ނޫނީ އެ ސިނާއަތެއް ތަމްސީލު ކުރާ ފަރާތްތައް ބާރުވެރިކުރެވިގެން ނޫނީ އަޅުގަނޑުމެންނަކަށް މުޅި ސިނާއަތުގެ ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ"

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ދެމެހެއްޓެނިވި މަސްވެރިކަމެއްބކުރުމަށް އެ ސިނާއަތުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓްމަންޓް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އަމިއްލަ ކުންފުނިތަކަށް ފަހި މާހައުލެއް އުފައްދައިދީ، ހުރިހާ އެންމެން ގުޅިގެން ގޮންޖެހުންތައް ހައްލުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.