މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ފައިސާ 31 އިންސައްތަ އިތުރުވެފައިވާކަން އެ އިދާރާއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި ޖުލައި މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަނީ އިތުރުވެފައިވެއެވެ.
އެގޮތުން އެ ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12.07 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 17.3 މިލިއަން ރުފިޔާއެވެ. މިއީ 5.2 މިލިއަން ރުފިޔާ ނުވަތަ 43.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާ ވަނީ، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23.4 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިގޮތުން އެއީ ޖުމްލަ 31 އިންސައްތައިގެ އިތުރުވުމެކެވެ.
ހަމައެހެންމެ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވެފައިވާއިރު، އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައެވެ. އެގޮތުން ނިމުނު އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 20.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މި އަހަރު އެ އަދަދު ވަނީ 2.28 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.