މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން އެންޑީއޭގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤު އަދި ޔުނާން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޑީން، ސްކޫލް އޮފް ސޮފްޓްވެއަރ އެންޑް އާރޓިފިޝަލް އިންޓެލިޖެންސް ޕްރޮފެސަރ ސައި ލީ އެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ފަރުވާގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެންޑީއޭގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނުތައް ދީ، އެ ބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ޢަބްދުﷲ ފަސީޙް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިންގެ ވެއްޓާ އެންމެ ގުޅޭ އަދި ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައި ބޭނުންކޮށްގެން އެންޑީއޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

ޚާއްޞަކޮށް، ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި މީހުންނާ ވާހަކަދައްކައި ޙިއްޞާކުރުމަކީ ގިނަ ފަހަރަށް މީހުންނަށް ދަތި އަދި އުނދަގޫ ކަމެއްކަން ފާހަގަކުރައްވަމުން ފަސީޙް ވިދާޅުވީ، އެފަދަ ގޮންޖެހުންތައް ވީހާވެސް ކުޑަކުރުމަށްޓަކައި އޭއައި މެދުވެރިކޮށް އެސެސްމެންޓްތައް ހެދުމާއި، ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.