އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތުކެއަރ އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، 'ވީސްކޭން' ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވުނު ހަފްލާގައި މި ޑިވައިސް ތަޢާރަފް ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތުކެއަރ ގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.

އެސްޓީއޯ އިން ބުނީ ސްކޭންގެ ޙިދުމަތް ދެވެމުންއައި ގޮތް، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ޙިދުމަތް ދިނުމުގައި، އަލަށް ތަޢާރަފް ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޙިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ގަބޫލުކުރެއެވެ.

މި މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް DICOM ސްޓޭންޑަޑް ގައި ޝެއަރ ކުރެވޭނެއެވެ.

ސްކޭން މެޝިންގެ ބްރޭންޑުތަކުގެ ތެރެއިން ޖީއީ ހެލްތުކެއަރ އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ. ރާއްޖޭގެ ސިއްޙީ ޙިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯއެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އަފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ ޖީއީ ހެލްތުކެއަރގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ.

މިގޮތުން އެމް.އާރު.އައި، ސީޓީ، މެމޮގްރަފީ،އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

މި ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.