މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކޮށްފިއެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ ޔަޒްމީދު މުޙައްމަދު އެއޮފީހުގެ ސީއީއޯގެ ދައުރު އަދާކުރައްވަން ފައްޓަވާނީ 23 އޮގަސްޓު ވާ އާދިއްތަ ދުވަހުން ފެށިގެންކަމަށެވެ.
ޔަޒްމީދު މި މަޤާމަށް އައްޔަނުކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޔަޒްމީދު އަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ، ގަވަރނަންސް އާއި، އޮޑިޓިންގ އާއި، އެންޓި-ކޮރަޕްޝަން އާއި، އެކައުންޓިންގ އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.
ޔަޒްމީދު ފުރުއްވާފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަން ހިމެނެއެވެ. އެމަގާމުން ޔަޒްމީދު އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުއެވެ. މީގެއިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަންވެސް ކުރައްވާފައިވެއެވެ.
ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ އަމާޒަކީ އަލަށް އައްޔަނުކުރެއްވި ސީއީއޯގެ އިސްނެގުމުގެ ދަށުން މިއޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެންދިއުމެވެ. އަދި ދިވެހިރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދިއުމެވެ.
ޕެންޝަން އޮފީހަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގެ ދަށުން އުފައްދާފައިވާ، ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ.