އެމްޓީސީސީގެ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށްޓަކައި އެކުންފުނީގެ އިސްވެރިންގެ ޓީމެއް އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކޮށް އެކަމަށް އެދެފިއެވެ.
އެކަމާ ގުޅޭގޮތުން އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި ބުނީ މިބައްދަލުވުން ބާއްވާފައިވަނީ މިހަފްތާގައިކަމަށެވެ. މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އާއި އެކުންފުނީގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އެމްޓީސީސީގެ ޓަވަރުތައް ވުޖޫދަށް އައިސްފައިނުވުމަކީ އެމްޓީސީސީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވާކަމެއްކަމަށް އެކުންފުނިން ބުނެއެވެ. މިކަމާއި ގުޅިގެން ކުންފުނީގެ އެމްޑީ އިސްނަންގަވައިގެން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހިޔާ މަޝްރޫޢު އަލުން ކުރިޔަށްގެންދިޔުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް ދަންނަވާފައިކަމަށް އެމްޓީސީސީން ބުނެއެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިކަމަށް އިޖާބަދެއްވާ އެމްޓީސީސީއަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެން އެޗްޑީސީއަށް ސިޓީއަކުން އެކަން އަންގަވާފައިކަމަށްވެސް އެމްޓީސީސީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހިންގި ހިޔާނާތުގެ މައްސަލަތަކެއް ފަޅާއެރުމާ ގުޅިގެން އެ މައްސަލަ މިހާރު އޮތީ ޝަރުއީ މަރުހަލާގައެވެ. އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހާ އެކު ކުރީގެ އިސް ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އެ މީހުންނަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމާ ގުޅިގެން މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު އެމްޓީސީސީން މަސައްކަތްކުރަނީ އެކުންފުނީގެ މުވައްޒަފުންނަށް އައު މަޝްރޫޢެއް ފެށުމަށެވެ.