މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައި، އެކަމާ ގުޅޭގޮތުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި މަސައްކަތް ކުރިއަށް ގެންދަނީ "ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވެސް ވަކިން ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ މި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން 20 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ބައްދަލުވުން އޮންނާނީ މިރޭ 20:30 އިން 22:30 ގައި ވިލިމާލޭގެ ޔޫތު ސެންޓަރުގައެވެ.

ސިޓީ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ވިލިމާލެއާ ގުޅޭގޮތުން ކަމަށެވެ. އެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ވިލިމާލޭގެ ރައްޔިތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.