މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ ރޭ 22:08 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށްވެސް ހާމަކުރެއެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.