ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޖޭއެސްސީން ބުނީ އިހުސާން ސަސްޕެންޑްކުރީ މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލަައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ސަސްޕެންޑްކުރުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅުވައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ޖޭއެސްސީން މިރޭ ބުނީ އިހުސާން ވަގުތީގޮތުން މަސައްކަތުން އެކަހެރިކޮށްފައި ވަނީ ގާޒީގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި އެ ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކުރުމާ އެކު އިހުސާންގެ ބަޔާން ނަގައި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސް ވެސް ހޯދައިފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލައި، އިހުސާން މަސައްކަތުގައި ދެމިހުރެއްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ އާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ސަސްޕެންޑްކުރީ ކަމަށެވެ.