ބޭރު ފައިސާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގައި ސަރުކާރުން އަމަލުކުރަމުންދަނީ ގޯސް އުސޫލަކުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާ މައުލޫމާތު މީޑިއާތަކުގައި ރިޕޯޓުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިސްލާހު ގެނައުމާ ގުޅިގެންނެވެ.

އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޑޮލަރުގެ ރޭޓު ދުވަހުން ދުވަހަށް މައްޗަށް އަރަމުންދާ ކަމަށެވެ.

އެހެންކަމުން ދިރިއުޅުމުގެ ހަރަދުތައް ވެސް ބޮޑުވަމުންދާ ކަމަށެވެ.

އަދި ބޭރު ފައިސާއާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގައި ސަރުކާރުން އަމަލުކުރަމުންދަނީ ގޯސް އުސޫލަކުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން އެފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން މާކެޓުގެ އިތުބާރު ގެއްލި، ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ހަމައެހެންމެ، ޑޮލަރުގެ ރޭޓު މައްޗަށްދާ ކަމަށް ރިޕޯޓުކުރާ މީޑިއާތަކަށް ދައުވާކުރެވޭ ގޮތަށް ގެންނަ އިސްލާހަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި، އެއީ މީޑިއާތަކަށް އަމާޒުކޮށް ދޭ ހަމަލާއެއް ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ބިލުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ. އަދި މީޑިއާތަކުގައި ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ރިޕޯޓުކުރުމަކީވެސް ޖޫރިމަނާކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.