ޢާންމު މަޞްލަޙަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ނޫސްވެރިން ފާރަވެރިވާން ޖެހޭނެ ކަމަށާއި ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަންވެސް ނޫސްވެރިން ހާމަކުރަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހު މިހެން ވިދާޅުވީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާ މައުލޫމާތު މީޑިއާތަކުގައި ރިޕޯޓުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިސްލާހު ގެނައުމާ ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ރައީސް ޞާލިހް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ވަގުތުން ގެނެސްދިނުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ.
އެއީ ޤާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަންވެސް ހާމަކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ނޫސްވެރިން ހާމަކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރެއްވި އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ބިލުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ. އަދި މީޑިއާތަކުގައި ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ރިޕޯޓުކުރުމަކީވެސް ޖޫރިމަނާކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.