ޑޮލަރު ރޭޓު މީޑިއާގައި ރިޕޯޓުކުރުން މަނާކުރާ އިސްލާހު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކުށްވެރިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އެމްއެމްއޭ އިން ކަނޑައަޅައި އާންމު ކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅޭގޮތަށް ބިލު ފާސްކޮށްފައެވެ.
އެ ބިލުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ. އަދި މީޑިއާތަކުގައި ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ރިޕޯޓުކުރުމަކީވެސް ޖޫރިމަނާކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މިކަމާގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ އިސްލާހު ކުށްވެރިކޮށްފައެވެ.
އެ ބަޔާނުގައި ވަނީ ބޭރު ފައިސާ ވިއްކުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ގެނެސްފައިވާ އިސްލާހުތަކަށް ފާޅުގައި ދެކޮޅުހަދައި އެކަން ކުށްވެރިކުރާކަން ހާމަކޮށް އެ ސަބަބުތައްވެސް ބުނެދީފައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ ބޭރު ފައިސާއާ ބެހޭ ބިލަށް ކޮމިޓީން މިއަދު ގެނައި އިސްލާހުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާއި އިގުތިސާދުގެ ހަގީގީ ހާލަތު އާންމުންނަށް ބުނެދިނުމަށް ނޫސްވެރިންނަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމަށާއި މާލީ ނިޒާމުގައި ހުރި މައްސަލަތައް ބުނެދީ، އެ ނިޒާމު އިސްލާހުކުރަން ސިޔާސަތު ރާވާ ފަރާތްތަކަށް ލޮބީކުރުމަށް މީޑިއާއިން އަދާކުރާ ދައުރަށް ވެސް މިކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށެވެ.
ހަމައެހެންމެ އެ ކޮމިޓީން ފާސްކުރި އިސްލާހުތަކަކީ މާކެޓް މެނިޕިއުލޭޝަން ހުއްޓުވުމަށް ވުރެ ބޮޑަށް، އިގުތިސާދާއި މާލީ ނިޒާމުގައި ހިނގާ ކަންކަން ރިޕޯޓުކުރުން މަނާކުރުމަށް އަމާޒުކޮށްފައިވާ އިސްލާހުތަކެއް ކަމަށް އެމްޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ. އިގުތިސާދީ ނުކިއްސަރުކަން ރިޕޯޓުކުރުމަކީ މާކެޓް މެނިޕިއުލޭޝަންގެ އަމަލެއް ނޫން ކަމަށާއި، މިހާރު ވެސް މީޑިއާތަކުން އަމަލުކުރާ އުސޫލުތަކުގެ ދަށުން މާކެޓް މެނިޕިއުލޭޓް ކުރުމަކީ މަނާކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ. މިގޮތުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ގާނޫނުތަކާއި އިދާރާތައް ހުރިއިރު، ވަކިވަކި ގާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ގޮތް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
މީގެ އިތުރުން އެ އިސްލާހުތައް ކޮމިޓީއަށް ހުށަހަޅައި ފާސްކުރި އިރު، އެމްޖޭއޭއާ އަދި މީޑިއާގެ އެހެން ފަރާތްތަކާ ވެސް މަޝްވަރާކޮށްފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. އަދި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ވާޖިބަށް ހުރަސްއެޅޭގޮތަށް ކޮމިޓީތަކުގެ އަމަލުތައް ބެހެއްޓުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން، މި އިސްލާހުތައް ފާސްނުކޮށް އަނބުރާ ފޮނުވާލުމަށް އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލާފައެވެ.