މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ނަމަވެސް، ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ކައުންސިލުން ނުކުރާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ދެއްވައިފިއެވެ.
މޭޔަރު ޢާޒިމް އެ ޔަގީންކަށް ދެއްވާފައި މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އާޒިމް އެގޮތަށް ވިދާޅުވީ ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ވަގުތީ ސައިޓު ހަދާ ބިން ހައުސިންގ މިނިސްޓްރީއަށް ދިނުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށްޓަކައި އުފެދިފައިވާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ސިޔާސަތުތައް އަބަދުވެސް ބައްޓަންވެފައި ހުންނާނީ ރައްޔިތުންގެ ފައިދާއަށް ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ބޭނުންތައް ފުއްދައިދިނުމުގައި އެމްޑީޕީން އަބަދުވެސް އިސްކަންދޭނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް މިތަނަކުން (ސިޓީ ކައުންސިލަކުން) ނުކުރާނެ އެ ޔަގީންކަން މާލެ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން، ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެދޭ ގޮތަށް އަދި ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ވެސް މޭޔަރު ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.
ސިޓީ ކައުންސިލްގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއެކު މާލެ ސިޓީގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށްވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.